ސެޕްޓެމްބަރ 21, 2024

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ދައުލަތުން ދޭ ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންނަށް އެ ކުންފުނިން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ 16 ބޭފުޅުން ހިމެނޭ ގޮތަށް 138 ބޭފުޅަކަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދެއްވި އެވެ. އެ ބޭފުޅުންނަށް އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ މުވައްޒަފުންގެ ޝަރަފުގައި އެ ބޭފުޅުންގެ އަގުވަޒަންކޮށް، މަރުހަބާ ކިޔުމަށް ސްޓެލްކޯގެ މެނޭޖުމަންޓާއި މުވައްޒަފުން އިސްނަގައިގެން މިއަދު ވަނީ ހާއްސަ ހަފުލާއެއް މިއަދު ބާއްވައިފަ އެވެ.

އެ ހަފުލާގައި އެ ބޭފުޅުން ވަޑައިގަތުމުން ވަނީ ރަތްދޫލައާއި ބޮޑުބެރުން މަރުހަބާއެއް ކިޔައިފަ އެވެ. އަދި ކޮންމެ ބޭފުޅަކަށް މާބޮޑިއެއް ދީފައިވާއިރު، އެކަމުގެ އުފަލުގައި ކޭކެއްވެސް ފަޅާފައިވެ އެވެ.

އެ ހަފުލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަށް ހިދުމަތް ކުރުމަކީ ދައުލަތަށް ހިދުމަތްކުރުން ކަމަށްވާތީ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ތިބެން ޖެހޭނީ ފިސާރި ކެރިގެން ކަމަށެވެ.

”އެކަމުގައި ’ދައުލަތަށް ހިދުމަތްކުރުމުގައި‘ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ)… ސްޓެލްކޯއަށް ހިދުމަތް ކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގައި، ރައްޔިތުންނަށް މި ދޭ ހިދުމަތުގައި އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަގީންކަމެއް“، ފަހުމީ ވިދާޅުވި އެވެ

އޭނާ އިތުރަށް ވިދާޅުވީ ކަރަންޓާ ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމަށެވެ. އަދި ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.