ސެޕްޓެމްބަރ 21, 2024

އާރުޓީއައިގެ ދަށުން ސަރުކާރުގެ ކުންފުނިތަކަށް މައުލޫމާތު ދޭން ލާޒިމުވާނެ: ސުޕްރީމް ކޯޓު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ކުންފުނިތަކުންވެސް މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ސާފު ބަހުން ބަޔާންކޮށްފައެއް ނުވެ އެވެ. އެހެން އެކަން އޮތްވައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބޭ ބާރުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލި ގަވާއިދެއްގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް ބަޔާންކުރި އެވެ.

ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން އެ ގާނޫނުގެ ދަށުން ކުންފުނިތަކުން މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެމްޓީސީސީ އިން ހައިކޯޓަށް ދިޔަ އެވެ. އެ ކޯޓުން މައްސަލަ ނިންމީ އެމްޓީސީސީއާ ދެކޮޅަށެވެ. އެހެންވެ އެމްޓީސީސީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެމްޓީސީސީން ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައިވެސް ވަކާލާތު ކުރެއްވީ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ބުނެ، އެ މާއްދާ ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި، ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ދައުލަތުން އުފައްދާ ކުންފުނިތައް ހިމަނާފައިވާ މައްސަލައާ ދެކޮޅަށް ވަކާލާތުކުރި އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުން އެހީ ލިބިގެންވާ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަން އިތުރަށް ތަފުސީލުކޮށް ދިނުމަށް ގަވާއިދުގައި އެފަދަ މާއްދާއެއް ހިމެނުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވާ ކަމަށާއި އެހެންކަމުން ގަވާއިދުގައި އެގޮތަށް ހިމެނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.

ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނީ، ސަރުކާރު ކުންފުނިތަކުގެ މައްޗަށް މައުލޫމާތު ހޯދާ ލިބުމުގެ ގާނޫނުގެ އުސޫލު ހިނގާނެތޯ ބެލުމުގައި ސަރުކާރުގެ ކޮންޓްރޯލް އެ ކުންފުންޏެއްގެ މައްޗަށް އޮންނަ މިންވަރެއްގެ މައްޗަށް ރިއާޔަތް ކުރަންވާނެ ކަމަށާއި އެއީ ސަރުކާރު އެކި ކުންފުނިތަކުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު ތަފާތުވާތީ ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައި ސުޕްރީމް ކޯޓުން ބުނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.