ޖަޕާނުން ރާއްޖެއަށް 15.9 މިލިއަން ރުފިޔާގެ ހަ ސްކޮލަޝިޕް ދީފި

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މޫސާ ޒަމީރު އަދި ޖަޕާނުން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތަކެއުޗި މޮދޮރި ވަނީ އެކަމުގެ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ސޮއިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން މިއަހަރު ރާއްޖެއަށް ހަ ސްކޮލާޝީޕް ފުރުސަތު ދިނުމާއި އެކަމަށް ހިލޭ އެހީގެ ގޮތުގައި 15.9 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.

ޖޭޑީއެސްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ ރާއްޖެއަށް އެހީ ދެމުންނެވެ. އެ އެހީގެ ސަބަބުން ޖަޕާނުގެ އެންމެ މަތީ ޔުނިވާސިޓީތަކުން މާސްޓަސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިވެހިން ދަރިވަރުންނަށް ލިބިގެންދެ އެވެ.

އެ ސްކޮލާޝިޕަކީ މުސްތަގުބަލުގައި އިޖުތިމާއީ، އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތުކުރުމަށް މުހިއްމު ރޯލެއް އަދާކުރާނެ ފުރުސަތުތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.