ބައެއް ގެތަކުގެ ބިލު އިންތިހާއަށް ބޮޑު، ސަބަބު ހޯދަން ސްޓެލްކޯ އިން އޮޑިޓެއް ހަދަނީ

މިދިޔަ މަހާ އަޅައިބަލާއިރު މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީ އެ ގޭބިސީތަކުގެ އޮޑިޓެއް ހަދަން ސްޓެލްކޯ އިން ނިންމައިފި އެވެ.

ސްޓެލްކޯ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި މަހު ލިބުނު ޝަކުވާތައް ކޮންމެވެސް ވަރަކަށް މަދު ކަމަށެވެ. އެގޮތުން މިދިޔަ މަހާ އަޅައިބަލާއިރު މި މަހު ދޫކުރި ބިލުތަކުގެ ތެރެއިން ގާތްގަނޑަކަށް 94 ޕަސެންޓް ބިލު ކުޑަވެފައިވާ ކަމަށެވެ.

”ނަމަވެސް މާލެއަށް ބަލާ އިރު، ހަ ޕަސަންޓު ބިލު އެބައުޅޭ އިންތިހާއަށް ބޮޑު. އަޅުގަނޑުމެންނަށް ވެސް އޭގެ އެކްސްޕްލެނޭޝަނަރީ ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ވެސް ބޭނުންވާނެ ކަމަށް ގަބޫލުކުރާ ހަ ޕަސަންޓެއް އެބައުޅޭ. ހުޅުމާލޭގައި މި އަދަދަށް ބަލާ އިރުގައި 15 ވަރަކަށް ޕަސަންޓު އެބައުޅޭ ބިލު ވަރަށް ބޮޑު،“ އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ބިލު އެހާ ބޮޑުވި ގޭބިސީތަކުން ބިލު ބޮޑުވި ސަބަބު ބަލައި ކަސްޓަމަރުންނަށް އެ މައުލޫމާތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވެ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

”އަޅުގަނޑުމެން މި ގަސްދުކުރީ އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމަންޓުތަކުން އަޅުގަނޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން، ކޮން ތަންތަނަކަށްތޯ ވިސިޓް ކުރާނީ. ބިލު ބޮޑުވާ މި ދެންނެވި 15 ޕަސަންޓު އަދި މާލޭގެ ހަ ޕަސަންޓު ގޭބިސީތަކަށް އަޅުގަނޑުމެން ވިސިޓްކުރަން މި ގަސްދުކުރީ. އެ އެޕާޓްމަންޓުތަކަށް ވިސިޓްކޮށްފައި އަޅުގަނޑުމެން އެނާޖީ އޮޑިޓެއް ކުރަން މި ނިންމީ،“ އޭނާ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ އެ ގޭބިސީތަކުގެ ހާލަތު ބަލައި، އެތަންތަނުގައި ބޭނުންކުރަނީ ކޮން ކަހަލަ އާލާތްތަކެއްތޯ، ކޮން ކަހަލަ އެއާކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމުލަ އެޕާޓްމަންޓުގެ އިންސިއުލޭޝަން ހުރީ ކިހިނެއްތޯ ބަލައިގެން، އެ ކަސްޓަމަރުންނަށް އެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އޭރުން އެ ކަސްޓަމަރުންނަށްވެސް ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އޮތްތޯ ބަލައި، އެކަންތައްތައް ފިޔަވަޅު އެޅުމަށް ފަސޭހަވާނެ ކަމަށްވެސް ވިދާޅުވި އެވެ.