ސެޕްޓެމްބަރ 21, 2024

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތް ހަދައިފި

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުންވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދު އިސްލާހުކޮށްފި އެވެ.

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވާއިދަށް އެމްއެމްއޭ އިން އިސްލާހު ގެނެސް މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން އެ އިސްލާހަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ އެވެ

ގަވާއިދުގައި މީގެ ކުރިން ބުނެފައި އޮންނަނީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވާއިދުގައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ ކަމަށެވެ.

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭ އިން އިސްލާހުކޮށްފައިވާ އިރު، އެ ބޭންކުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން ނިންމައި އެ މަގާމުތަކަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ. މުސާރަކީ 50،000-55،000 އާ ދެމެދުގެ އަދަދެކެވެ.