ސެޕްޓެމްބަރ 21, 2024

”އިންޑިއާ އައުޓް“ ކެމްޕޭނާ ގުޅިގެން މައާފަށް އެދެންޖެހޭ ކަމެއް ނެތް: ރައީސް

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އެ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕޭނާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނުގައި ހެދި ދޮގުތަކާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒުގެ ސަރުކާރުން މައާފަށް އެދެން އެމްޑީޕީން ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް މުއިއްޒަކީ ”އިންޑިއާ އައުޓް“ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެ ހަރަކާތުގައި އިސް ސަފުގައި ހުންނެވި ބޭފުޅެކެވެ. އޭރު އެ މަނިކުފާނަކީ މާލޭގެ މޭޔަރެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސެވެ.

މާލޭ ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކު ގުޅުން ބޭއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށެވެ.

”އެ ހާރިޖީ ސިޔާސަތާ އެއްގޮތަށް އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މި އަންނަނީ. އެ ސިޔާސަތުން ކަށިޔާރުވެގެން އެއްކައިރިއަކަށްދިޔަ އެއްވެސް ވަގުތެއް ނާންނާނެ“ ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން އިއުލާން ކުރި ސިޔާސަތު އެ މެނިފެސްޓޯ ރައްޔިތުން ބަލައިގަތީ. އެއާ އެގޮތަށް އަޅުގަނޑުމެން ހުރިހާ ގައުމަކާއެކު ވެސް ގާތް ގުޅުން މި ބާއްވަނީ. އެހެންވީމާ އަޅުގަނޑު މައާފަށް އެދެންޖެހޭ ކަމެއް ނެތެއް ނޫންތޯ؟،“ ރައިސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ސަބަބުން ކަަމަށާއި ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަޝްވަރާގެ ރީތި އުސޫލުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ”އިންޑިއާ އައުޓް“ ކެމްޕޭން ހުއްޓުވުމުގެ ގޮތުން ގަރާރެއް ނެރުއްވައިފަ އެވެ. ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގެން އެ ގަރާރު ބާތިލު ނުކުރައްވާތީ، ޔާމީން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އަލުން ”އިންޑިއާ އައުޓް“ ކެމްޕޭން ފައްޓަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ އިންޑިއާ އިން ސިފައިން ރާއްޖެއަށް ގޮސްފައިވާ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށް ވިދާޅުވެ އެވެ.

އެ ގަރާރު ބާތިލުކުރައްވާނަންތޯ ނޫސްވެރިއަކު ރައީސްއާ ސުވާލުކުރެއްވުމުން ޖަވާބުގައި ގަރާރު ބާތިލުކުރައްވާނެ ކަމަށް ރައީސް ސީދާ ވިދާޅެއް ނުވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ހާރިޖީ ސިޔާސަތު ބަލައިގަނެ ރައްޔިތުން ވަނީ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވައިފައި ކަމަށެވެ.

”އެއާ ދެކޮޅަށް (ހާރިޖީ ސިޔާސަތާ) މި ގައުމުގެ ހަމަނުޖެހުން ނަގާލަން، މި ގައުމުގެ ތަރައްގީ ހުއްޓުވައިލަން، މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭނެ ގޮތަކަށެއް ދިވެހި ރައްޔިތުން ވެސް ފުރުސަތެއް ނުދޭނެ،“ ރައީސް ވިދާޅުވި އެވެ.

2 Comments

  • Kayne އޯގަސްޓް 11, 2024

    Aee Jazubaathu Ga Jehigen Kurevunu Galhi Kamekey
    Sry Eh Bunaa Kah Nunjeheyne

  • Yoosef Shaax އޯގަސްޓް 11, 2024

    Rahyithun hithaama kuran vee hiyalhakah verikan dhevuneethee..gahdhaa aharemen ge vote hoadhee dhogu hadhaa olhuvaalaigen..adhi rahyithun ah faidhaa vaa eh kameh ves koh nudhevey 1 aharu mi vanee..

Leave a Reply