ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް މަތިކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިރޭ އާންމުކުރި މައުލޫމާތުގައި ބުނީ މާލެއަށް މިއަދު ކުރި ވިއްސާރައިގެ ފެންބޮޑުވުމުގެ ސަބަބުން 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި ފެން ހިންދާ ޕަމްޕު ފަސް ތަނެއްގައި ޖެހުމަށް އެހީތެރިވުމާއި ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެ ތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެ ފަރާތަކަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ހުޅުމާލެ މުހައްމަދު ގާސިމް ޕްރީ ސްކޫލަށް ފެން ވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުމުގެ އިތުރުން ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ހދ. ނެއްލައިދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަމް، ހދ. ނޮޅިވަރަންފަރު، ހއ. ދިއްދޫ، ހއ. ތުރާކުނު އަދި ހއ. އުލިގަމުގެ ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އޭގެ އިތުރުން އިހަވަންދޫގެ 40 ގެއަކަށާއި ކެލާގެ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެންވެސް އެހީވެފައިވާނެ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދިން އިރު، ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިވެދީފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓުމުން އެހީތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.




1 Comment
ގުޅުންހުރި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!