ސެޕްޓެމްބަރ 21, 2024

ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް ހާމަކޮށްގެން 3 ހަފުތާ ތެރޭ 182 މިލިއަން ހޯދައިފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކްޕާމިޓާއި ކޯޓާ ފީ ނުދައްކާ ކުންފުނިތަކުގެ އާންމުކުރި ފަހުން މިހާތަނަށް 182.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމާ އެއްގޮތަށް ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓު ހޯމްލޭންޑް މިނިސްޓްރީން އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ލިސްޓުގައިވާ ގޮތުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ހިމެނޭހެން 1,026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައުލަތަށް ނުދައްކާ އޮތެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ, އެ ލިސްޓު އާންމުކުރި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 182,954,572ރ. ދައުލަތަށް އަނބުރާ ލިބިފައިވާ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު, އެ މީހުންނާމެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި އާންމު ކުރެއްވުމާއި އެގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާ ކުރަންވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅޭ ހުރަސްތައް ނައްތާލުމަށް އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.