ސެޕްޓެމްބަރ 21, 2024

ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިނުވާނެ: ޝުޖާއު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރާއްފައިނުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރުު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ. ކުރީގެ ސީޕީ ހުސެއިން ވަހީދާއި އެއްކޮށް ވަޑައިނުގަންނަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ކޮމިޝަނަރާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައިވަނީ ނޫމަޑި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވުމަށް ދިޔަކަމަށާއި އެއީ ރައީސް މުއިއްޒު ފޯނު ގުޅައި ބައްދަލުކުރުމަށް އެދިވަޑައިގަތުމުން ކަމަށެވެ. އެ ބައްދަލުވުމަށް ޝުޖާއު ވެސް ވަޑައިގެންނެވި ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.

ނަމަވެސް ޝުޖާއު މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

”ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއަކަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ އެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ވެސް ކަށަވަރުކަމާ އެކު ދަންނަވަން،“ ސީޕީ ޝުޖާއު ވިދާޅުވި އެވެ.

ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

އެއްބަސްވުންތައް ޔާމީންގެ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ.

އެ މައްސަލައިގެ އާބިޓްރޭޝަންގައި ރައީސް މުއިއްޒު ބަޔާން ދިނީ ނޫމަޑިއާ އެއްކޮޅަށް، ދިވެހި ދައުލަތާ ދެކޮޅަށެވެ. އަދި ރައީސް މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދޮގު ބަޔާން ދިނުމުގެ ދައުވާވެސް ކުރި އެވެ.

ރައީސް މުއިއްޒުގެ މައްޗަށް އެ ދައުވާތައް ދައުލަތުން ކުރީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އެ މަނިކުފާނު އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒު އެ ދައުވާއަށް އިންކާރު ކުރެއްވި އިރު، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތެއް ނުވި އެވެ.

އެހެންވެ ކޯޓުގައި އެ މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމި އެވެ.

ސަރުކާރުން އޭރު ބުނީ، ބަދަލު ދޭން ނިންމީ އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އެ ފައިސާ މިހާރު ވަނީ އެ ކުންފުންޏަށް ދައްކައިފަ އެވެ.

ކޯޓުން ބޭރުގައިވެސް އެހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި ރައީސް މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ސަރުކާރުން އޭރު ތުހުމަތު ކުރި އެވެ.