ސެޕްޓެމްބަރ 21, 2024

ޕީސީއާރު ޓެސްޓުގެ މައްސާލަގައި ކުޑަބަންދޭއާއި ލަތީފަށް ދައުވާ ކުރަން އެދިއްޖެ

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި ”ރީއެޖެންޓްސް“ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ)އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފުގެ މައްޗަށް މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ އެ ދެ މީހުންގެ އިތުރުން ދެން ދައުވާކޮށް ދިނުމަށްއެދި ފޮނުވާފައިވަނީ އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ކަމަށެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ބުންޏެވެ.

ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.

”އަދި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ.އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ.“ އޭސީސީން ބުންޏެވެ.

އަދި ޑރ.އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައެވެ.

އޭސީސީން ބުނީ މި މައްސަލައިގައި، ޑރ. އަލީ ލަތީފާއި ޑރ. މިލްޒާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން ހިއްސާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.