ލޭނުގެ މަސްވެރިކަމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާއަތަކަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށްވުމުން ލޭނުގެ މަސްވެރިކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ރާއްޖެ އިން ކަޅުބިލަމަސްވެރިކަން ކުރަމުން އަންނަނީ ޕޯލް އެންޑް ލައިންގައި ވަން ބައި ވަން މަސްވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، އެ ކަމަށް އީޔޫއިން ބެލުމެއް ނެތި ބޮޑު ދަލާއި ގިނައިން ލޭނު އަޅާ ގައުމުތަކަށް ޑިއުޓީ ލުއިކޮށްދީފައި އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ލޭނުގެ މަސްވެރިކަން ވަރަށް ގިނަ ގައުމުތަކުން ކުރަމުންދާ ކަމަށާއި ރާއްޖެއިން އެ މަސްވެރިކަން ކުރަން ނިންމާފައިވަނީ މަސްވެރިކަން ޑައިވާސިފައި ކުރުމުގެ ގޮތުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
”ލޭނު މަސްވެރިކަމަކީ ދިވެހިން އެކަން ކޮށްގެން އިންތިހާ އަށް ފައިދާ އިތުރު ކުރެވެން އޮތް ކަމެއް. ކީއްވެގެންތޯ އެކަން ނުކުރަންވީ؟ އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު މެނޭޖްމެންޓެއް ގެންގުޅެވޭތޯ،“ މިނިސްޓަރު ވިދާޅުވި އެވެ.
”އެހާ ރަނގަޅު އާމްދަނީއެއް ވަންނަން އޮތް ސިނާއަތެއްގެ ސިންދަތާފަތުން އެކަން ނުކޮށް ތިބުންތޯ؟ އަޅުގަނޑުމެންގެ ކަނޑު ރޯދިން ނަފާ އިތުރު ކުރަން ކުރަން ޖެހޭ ކަންކަން ކުރަން ވާނެ ކަމަކަށް ކަން ނޭނގޭ ރައްޔިތުން ދެކޭނީ.“
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރަނީ ގަވާއިދުގެ ތެރެއިންކަން މިނިސްޓްރީންކަން ކަށަވަރުކުރާނެ ކަމަށެވެ. ލޭނު އެޅުމަށް އުޅަނދުތައް ހަރަކާތްތެރިވާ ގޮތާއި ގަވައިދަށް އަމަލު ކުރާ ވަަރު މޮނީޓާ ކުރަން މޮނިޓަރިން ކެޕޭސިޓީ މިނިސްޓްރީގައި ގާއިމް ކުރާނެ ކަމަށާއި ލޭނު އަޅަން ދޯނިތަކަށް ހުއްދަ ދޭނީ އެއަށްފަހު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމުން، ގިނަބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ލޭނުގެ މަސްވެރިކަމުގެ ސަބަބުން މަސްވެރިކަން އެއްކޮށް ހަލާކުވެދާނެ ކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ.
ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ލޭނު އެޅުމާ ދެކޮޅަށް ވާހަކަދައްކައިފަ އެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ލޭނު އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ނެތިހިނގައިދާނެ ކަމަށެވެ.
ގުޅުންހުރި
މަސް ގަންނަ އަގު ކުޑަކުރީ ހެޔޮ ނިޔަތުގައި: ޝިޔާމް
ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން ބާކީ ނުދެވި އޮތީ 61
މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފިން، ނުދެވި ހުރީ 27 މިލިއަން
ރާއްޖޭގައި ”މަޑްކްރެބް“ އާލާކޮށް އާމްދަނީ ހޯދޭނެތޯ ބަލަން ދިރާސާއެއް ކުރަނީ