ޑޮލަރު ރިޒާވް ހުހެއްނުވޭ، މިމަހުގައި ރިޒާވް އިތުރުވާނެ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޑޮލަރު ރިޒާވްގައި ހުރި ފައިސާ ހުސްނުވާ ކަމަށާއި މި މަހުގެ ނިޔަލަށް އެ ރިޒާވް އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން އެގޮތަށް ބުނީ ރިޒާވްގައި ހުރި ޑޮލަރު އެއްކޮށް ހުސްވެފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުން ގެނެސްދިން ހަބަރާ ގުޅިގެންނެވެ. އެ ހަބަރުގައި ވަނީ މިއަދަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލެއް އެބަ އޮތް ކަމަށާއި، އެ ބިލް ދައްކައިފި ނަމަ ރިޒާވް ހުސްވެ، މައިނަސްވާނެ ކަމަށެވެ.

ނަމަވެސް އެމްއެމްއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

”ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މި އޮތޯރަޓީން ދަނީ މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންނެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށް ވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ވާހަކަ ވެސް ދަންނަވަމެވެ،“ އެމްއެމްއޭއިން ބުންޏެވެ.

ޑޮލަރު ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ އަސާސީ އެއްޗެހި ކަމަށްވާ ކާޑާއި ތެޔޮ އަދި ބޭސް ރާއްޖެ އެތެރެކުރުމުގެ ގާބިލްކަން ދެމެހެއްޓުމެވެ.

އެހެންވެ އެމްއެމްއޭއިން ބުނީ އެފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްއެމްއޭއިން މިދިޔަ މަހުގެ ފަހުކޮޅު ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ބޭނުންކުރެވޭ ރިޒާވް މި މަސް ތެރޭ އެކީ ހުސްވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެހެންވެ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ސީދާ އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު މާރުކުރުމަށާއި ބޭރު ފައިސާ މާލިއްޔާގައި ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅައިދިނުމަށް އެ ސިޓީގައި އެމްއެމްއޭއިން ވަނީ އެދިފަ އެވެ.