ނޮވެމްބަރ 22, 2024

ކާޑިއެކް ސެންޓަރުގެ ހިންގުމުގެ ކަންކަން ދިވެހި ޑޮކްޓަރުންނާ ހަވާލުކުރަނީ

އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓާ ހިންގުމުގެ ކަންކަން ދިވެހި ޑޮކްޓަރުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އޮ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

ހަލީމް އެގޮތަށް ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ކޮމިޓީގެ މެންބަރުން ހަލީމްއާ ސުވާލު ކުރެއްވީ އައިޖީއެމްއެޗުގައި ކާޑިއެކް ސެންޓާ ހިންގުމުގެ ގާބިލުކަން ހުރި ދިވެހި ޑޮކްޓަރުން ތިއްބާ އެ ސެންޓަރު އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ގުޅިގެން ހިންގާ ސަބަބާ ގުޅޭ ގޮތުންނެވެ.

އެ ސުވާލުތަކާ ގުޅިގެން ހަލީމް ވިދާޅުވީ ކާޑިއެކް ސެންޓަރު ހިންގާނީ މެޑިޓްރީނާ ހޮސްޕިޓަލާ ގުޅިގެން ކަމަށް 2015 ނޮވެމްބަރު 15 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއީ 10 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުމެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓަރު އަލުން މަރާމާތުކޮށް ހިދުމަތް ދޭން ފެށުމުން، އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރު ދިވެހި ޑޮކްޓަރުންނަށް ހިންގެން ފަށާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

”ތިއޭޓަރުގެ ހިދުމަތް ފެށުމާ އެކު އަޅުގަނޑުމެންގެ ކާޑިއެކް ސެންޓަރުގައި އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ޑޮކްޓަރުން ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނަން،،،“ ހަލީމް ވިދާޅުވި އެވެ.

އެ ތިއޭޓަރުގެ މަސައްކަތް ކުރިއަށް އޮތް މަސްތެރޭގައި ނިންމައި އެތަނަށް ބޭނުންވާ ކޮންސިއުމަބްލްސް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް މަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވި އެވެ. ކޮންސިއުމަބްލްސް ގެންނަނީ ބޭރުގެ ފަރާތާ ގުޅިގެން ކަމަށާއި އެ ކޮންސިއުމަބްލްސް އަމިއްލައަށް ގެންނަން ފެށޭ ހިސާބުން ދިވެހިން ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ފަރާތުން ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓަރުގެ ގިނަ އިކުއިޕްމެންޓްސް ހުރީ ހަލާކުވެފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އިކުއިޕްމެންޓްސް ތަކުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އެތަކެއްޗަށް އެގޮތަށް މައްސަލަ ޖެހުނީ ހިދުމަތްތައް ބޭނުން ނުކޮށް ހުރުމާއި އެ ތަނުގައި ބޭނުން ކުރާ އިކުއިޕްމަންޓްސްތައް ރައްކާތެރިކަމާ އެކު ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިބްރިޑް ތިއޭޓަރު ނިންމައި، ކާޑިއެކްގެ ހިދުމަތް ފެށިއްޖެ ނަމަ ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ ބަލި މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.