ސެޕްޓެމްބަރ 21, 2024

އެމްޓީސީސީގެ ސީއީއޯއަކަށް ފުލުހުންގެ ކުރީގެ ޑީސީޕީ ސައުދީ އައްޔަންކުރައްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ސައުދީ އައްޔަންކުރައްވާފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

ޒިޔާދު އެ މަގާމުން ވަކި ކުރުމަށް ފަހު އޭނާ ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަށް އަލަށް އައްޔަން ކުރެއްވި ސައުދީއަކީ މީގެ ކުރިން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އޭނާއަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުމަތަކުގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.