ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރިކަން ކަށަވަރުކުރެވިފައި ނުވޭ: ހަލީލު

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް

ބިދޭސީއަކު ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރިކަން އަދި ކަށަވަރުކުރެވިފައިނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅިގެން ހޯމް މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލު ވިދާޅުވީ އާންމުންގެ މެދުގައި އެފަދަ ވާހަކައެއް ދެކެވެމުން ދިޔަސް އަދި އެއީ ކަށަވަރުކުރެވިފައިނުވާ ކަމަށެވެ. ބުޅާމަހުން ކާބޯތަކެތި އުފެއްދިއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި ހަލީލު ވިދާޅުވި އެވެ.

”އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. ވަރަށް ކައިރިން މަސައްކަތްކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެކީގައި. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،“ ހަލީލް ވިދާޅުވި އެވެ.

ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުގައި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރާފަތު ހޮސެއިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ. އޭނާއަށް އެ ތުހުމަތު ކުރަނީ އޭނާ މެރީ ބްރައުން ކުރިމަތިން ބުޅާ ހިފާތީއާއި އޭނާ ދިރިއުޅޭ ގެ ކައިރިން ބުޅާ މަރާލާފައިވަނިކޮށް ފެންނާތީ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިމިގްރޭޝަންގެ ބަންދަށް އަރަފާތު ގެންދިޔައީ ވިސާގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

”މިހާތަނަށް ފުލުސް އޮފީހަށް ހުށަހެޅިފައި އޮތް މައްސަލައަކީ އަރަފާތް ބޭނުން ކުރަމުން އައި ތަނުގެ ތެރެއިން ބުޅާ ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން މީހުން ހުށަހަޅާފައި ހުރި މައްސަަލަތަކެއް، އަޅުގަނޑުމެންނަށް ހުށަހެޅިފައި އޮތް މައްސަލައެއް ނޫން ބުޅާ މަސް ބޭނުންކޮށްގެން އެއްޗެހި ތައްޔާރުކޮށްގެން މީހުންނަށް ވިއްކި ކަަމަށް، އެހެން ނަމަވެސް މި ކޮންސާން އޮތުމުން ފުލުހުންގެ ފަރާތުން މި މައްސަލަ ތަހުގީގު ކުރަމުންދޭ، އަދި އޭނާގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވޭ ހައްޔަރު ކުރެވޭ ހާލަތެއް ނާންނާތީވެ މިވަގުތު އެ ހުރީ ވިސާ ވަޔޮލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަންގެ ޑިޓެންޝަންގައި،“. އިހުސާން ވިދާޅުވި އެވެ.

އެ މައްސަލަ ނިމުމުން ނޫނީ އޭނާ ޑީޕޯޓް ނުކުރާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.