ސެޕްޓެމްބަރ 21, 2024

ޖަލަށް ޑްރަގާއި ފޯނު ވައްދައިދިން ކަރެކްޝަންގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފި

ޖަލުތަކުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ކަރެކްޝަންސްގެ މުވައްޒަފުން އެ ސާވިސްގެ ވަޒީފާގައި ތިބެ، ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ހިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ތަހުގީގެއް ހިންގައި ހުށަހެޅި މައްސަލައިގައި ފަސް އޮފިސަރުންނަށް ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ކުރަން ހުށަހަޅާފައިވަނީ ރ. އިނގުރައިދޫ، އައިވަރީހައުސް، ޖިނާހް އަބްރުއްރަހީމް، ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް، ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލި އަސްފާގުގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ ތެރެއިން ޖިނާހު އާއި ހިޝާމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނާޒިމް އާއި ފަތޫހުގެ އިތުރުން އަސްފާގުގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ގާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.