ސެޕްޓެމްބަރ 21, 2024

ކުރީ ސަރުކާރުން ބަދަލު ދީފައި ހުރީ ގާނޫނާ ހިލާފަށް، އެ ނިންމުންތައް ބާތިލުކުރާނަން: އުޝާމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން ބަދަލު ދޭން ނިންމާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ގާނޫނާ ހިލާފަށް ދީފައި ހުރި ބަދަލުތައް ބާތިލުކުރަން ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުގެ ހުވާ ކުރެއްވިއްތާ ހަތަރުވަނައަށްވީ ދުވަހު އެ ސެޓްލްމެންޓް ކޮމިޓީ ވަނީ އުވާލައްވައިފަ އެވެ. އޭރު އެ ކޮމިޓީން ވަނީ 10 ފަރާތަކަށް 225 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުންތަކަށް އަމަލުކުރުން މި ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން ސެޓްލްމެންޓް ކޮމިޓީއެއް އުފެއްދީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ވެސް އެއްބަސްވުންތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަދަލުދޭންޖެހޭ ފަރާތްތަށް ކަނޑައަޅައި ބަދަލުދޭނެ އަދަދެއް ކަނޑައެޅުން ކަމަށްވެސް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ރަށްތަކާއި ފަޅުތަށް އަދި މާލީ ބަދަލު ދިނުމަށް ނިންމާފައި އޮތްއިރު، އެ ބަދަލުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ ހުރިހާ ނިންމުންތަކެއް އަލުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

”މިހާތަނަށް ބެލުނު ބެލުންތަކަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ބަދަލުދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް. އެގޮތަށް ދީފައި ހުރި ބަދަލުތައް ކެންސަލް ކުރާނަން. ޝަރީއަތަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނަމަ ޝަރީއަތަށް ހުށަހަޅައިގެން ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ދައުލަތުގެ މުދާތައް އެއްވެސް ފަރާތަކަށް ދީފައި ހުރި ނަމަ އެ އެއްބަސްވުންތައް އަޅުގަނޑުމެން ބާތިލުުކުރާނަން،“ އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނާ ހިލާފަށް ދޭން ނިންމާފައިވާ ބަދަލުތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ބާތިލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި ކޯޓަށް ނުގޮސް ބާތިލުކުރެވެން ހުރި އެއްބަސްވުންތައް އެގޮތަށް ބާތިލުކުރާނެ ކަމަށެވެ.