ސެޕްޓެމްބަރ 21, 2024

އަޅުގަނޑުމެން ގެނައި ސަރުކާރެއްގެ މަގާމުތަކުގައި އާއިލާ މީހުން ތިބުމުން ފަހުރުވެރިވޭ: އަބްދުއްރަހީމް

މިއަދު ރާއްޖޭގައި މިއޮތީ އެ މަނިކުފާނުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށާއި އެހެންކަމުން ސަރުކާރުގެ މަގާމުތަކުގައި އެ މަނިކުފާނުގެ އާއިލާ މީހުން ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނަށް ސަރުކާރުގެ ގިނަ މަގާމުތަކެއް ދޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްއަށް ޓޫރިޒަމް މިނިސްޓަރުކަން ދިނުން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގައި އެ މަނިކުފާނުގެ އާއިލާ މީހުން ތިބޭނެ ކަމަށް ދެންނެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް ތިބޭނީ އިލްމީ ގާބިލު ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް މިއީ. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ. އާއިލީވެސް، ދަރިންވެސް ތިބޭނެ، އަޅުގަނޑާ އެއްބަނޑުއެއްބަފާ މީހުންވެސް ތިބޭނެ. އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ މީހުންވެސް ތިބޭނެ. އެއީ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން އާއިލީ ވެރިކަމަކަށް މަގުފަހިކުރުމަށްޓަކައި ކޮށްފައި ކަމެއް ކަމަކަށް. އެއީ ގަވާއިދުގެ ތެރެއިން އިލްމީ ގާބިލު މީހުންނަށް ރައީސް ފެނިވަޑައިގެން ދެއްވާ މަގާމުތަކެއް،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވަންޖެހޭ ލަފައެއް އޮތް ނަމަ އެ ލަފައެއް ދެއްވާނެ ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަމެއް ކުރާއިރު، ޕާޓީގައި މިއަދު އެންމެ އިސްކޮށް ތިއްބެވީ އެ މަނިކުފާނާއި ރައީސް މުއިއްޒު ކަމަށާއި އެހެންކަމުން ދެ ބޭފުޅުން މަޝްވަރާކޮށް ދޭންޖެހޭ ލަފައެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.