ސެޕްޓެމްބަރ 21, 2024

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ތައާރަފްކޮށްފި

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ތައާރަފުކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ތައާރަފުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:45 ގައި ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ލައިވް ޕްރިމިއާއެއްގެ ގޮތުގައި ކަމަށެވެ.

ހޮޓްލައިނެއް ގާއިމުކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހޮޓްލައިން ނަންބަރު 1545ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާ ގުޅުންހުރި މައުލޫމާތާއި ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ބޭނުން ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ދިގު ތާރީހުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވި އޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައި ކަމަށެވެ.

”ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާ ގުޅުންހުރި މައުލޫމާތާއި، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން.“ ފަހްމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.