ނޫސްވެރިކަމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ’ދައުރު‘ އޮންލައިން އެޑިޓަރު މޫސާ ލަތީފަށް ދީފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު މޫސާ ލަތީފަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހއ. ދިއްދުއަށް އުފަން މޫސާ ލަތީފުގެ ހިތުގައި ދިވެހިބަހާމެދު އުފެދިފައިވާ ލޯބި އިތުރުވެ، ދިވެހިބަހުގެ ލިޔުންތައް ވިދާޅުވާން ފެއްޓެވީ ކިޔަވައި ވިދާޅުވާން 1980 ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން، އެމްއީއެސް އިން ތައުލީމު ހާސިލުކުރައްވަން ފެއްޓެވި ހިސާބުންނެވެ.
އެ ދުވަސްވަރު ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދި، އެ ދާއިރާއަށް ވަދެވަޑައިގެންނެވީ 1987 ވަނަ އަހަރު އެވެ. އޭރު މޫސާ ލަތީފުގެ ބައެއް ލިޔުންތައް ދުވަހު ނޫސް ’ހަވީރު‘ އަށް އެރިއެވެ. އަދި ދޭތެރެ ދޭތެރެއިން އޭނާގެ މަޒުމޫނުތައް އެ ނޫހުގައި ޝާއިއުކުރި އެވެ.
ވަޒީފާއެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަށް މޫސާ ލަތީފު ވެންނެވީ 1989 ގައި ’ހަވީރު‘ ނޫހަށެވެ. އެ ނޫހުގެ ކުޅިވަރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށިގެން ސީނިއާ ރިޕޯޓަރުކަމާއި ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމާއި ސީނިއާ އެސިސްޓަންޓް އެޑިޓަރުކަމާއި އެކްޓިން އެޑިޓަރުކަން ކުރެއްވި އެވެ.
އަދި 2010 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 1 އޭޕްރިލް 2016 ގައި ’ހަވީރު‘ ނޫސް ވަގުތީ ގޮތުން ހުއްޓާލަންދެން އެޑިޓަރުކަން ކުރައްވަމުން ގެންދެވީ މޫސާ ލަތީފެވެ.
ނޫސްވެރިކަމުގެ ރޮނގުން 2001 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވާ މޫސާ ލަތީފު، ނޫސްވެރިކަމުގެ އެންމެ ބޮޑު އެ މަސައްކަތަކަށް ވެގެންދިޔައީ 7 ފެބްރުއަރީ 2012ގެ ހާދިސާ ގުޅޭ ގޮތުން ލިޔުއްވި ފެބްރުއަރީ 7ގެ ފޮތެވެ.
ގުޅުންހުރި
މީޑީއާ ބިލް އަނބުރާ ގެންދަން ހުށަހަޅައިފިން: ހަންނާން
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ހަމަޔެއް ނޫން: ރައީސް
މީޑިއާ ކޮމިޝަންގެ ބިލު އޮތް ގޮތުން މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ވަރަށް
ރައީސްގެ ދޮން މަންމައާ ގުޅޭ ޑޮކިއުމެންޓްރީއަށް އެވޯޑް ދިނުމުން އޭސީސީން އެމްއެމްސީއަށް
ހުދުމުހުތާރުވެރިން ބޭނުންވިޔަސް މިނިވަން ނޫސްވެރިކަން ނައްތައެއް ނުލެވޭނެ: ފައްޔާޒު
ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން، ދިވެހިންގެ ތަބީއަތަކީވެސް އެއީ: ރައީސް