މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
މިއީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވައި ބަހައްޓާ އެ ތާނގީއަކީ މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ، އެ ކުންފުނީގެ ”ވޯޓާ ސެކިއުރިޓީ ޕްލޭން“ގެ ދަށުން ބަހައްޓާ އެ ތާނގީއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ އެ މަޝްރޫއު ނިމުމުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ބުންޏެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ފެން އުފެއްދުމާއި ރައްކައުކުރުމާއި ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ގާއިމުކޮށްފަ އެވެ.
އެގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެމްޑަބްލިޔުއެސްސީން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
މާލެ ސަރަހައްދުގެ 4 ތަނެއްގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް އީދު
ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް
ހުޅުމާލޭގެ އާ މާސްޓަ ޕްލޭން: ފޭސް 2-3 އެއްފަސްކޮށް، ފަރުކޮޅުފުށި ސަރަހައްދުގައި
ކެންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަންކޮށްފި
ގެއްލުނު 15 އަހަރުގެ ކުއްޖާ ފޭސް އެކެއްގައި ހުއްޓާ ފެނިއްޖެ