ބައިނަލްއަގުވާމީ ކްރެޑިޓް އެޖްންސީއެއް ކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމާއި ގުޅިގެން ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުން އިންވެސްޓަރުން އަތްދޫކޮށްލައި، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ފިޗުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ރާއްޖޭގައި ރޭޓިން ސީސީސީ ޕްލަސްއިން ސީސީ އަށް ދަށްކޮށްފަ އެވެ. މިއީ ފިޗުން މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.
މާލީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބްލޫމްބާގް ނޫހުން މިއަދު ރިޕޯޓުކުރީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ ސަބަބުން ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވެއްޖެ ކަމަށް ރާއްޖޭގެ ސުކޫކަށް ގަތް އިންވެސްޓަރުން ވަނީ ގަބޫލުކުރަން ފަށައިފައި ކަމަށެވެ. އަދި އެ އިންވެސްޓަރުން ވަނީ ރާއްޖޭގެ ސްކޫކް ވިއްކުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.
ރާއްޖޭގެ ސުކޫކު މިވަގުތު ޓްރޭޑު ކުރަމުންދަނީ ޑޮލަރަކަށް 66 ސެންޓު ރޭޓުގަ އެވެ. ސުކޫކު އޮގަސްޓު މަހުގައި ޓްރޭޑު ކުރަމުން ދިޔައީ 80 ސެންޓުން މަތީގަ އެވެ.
މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކު ކަމަށް ބްލޫމްބާގުން ބުންޏެވެ.



