ސެޕްޓެމްބަރ 21, 2024

ކާރު އެކްސިޑެންޓް: އިކްރާމްގެ ބަންދަށް 30 ދުވަސް ޖަހައިފި

ހުޅުމާލޭގެ ފޭސް 2ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާގެ ބަންދަށް 30 ދުވަސް ކޯޓުން މިއަދު ޖަހައިދީފި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓް ހިނގީ ވިނަރެސް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

ކާރު އެކްސިޑެންޓް ވުމުން، ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމް ވަނީ ފިލައިފަ އެވެ. އޭނާ ހައްޔަރުކުރީ އެ ދުވަހުގެ ރޭގަނޑު އެވެ. އަދި ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އެވެ.

ނަމަވެސް އެ އަމުރު އިކްރާމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގައި އިކްރާމް ބުނެފައިވަނީ އޭނާ ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް ކޯޓަށް ހާޒިރުކުރީ ވަކީލަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ. ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހުކުރި ހުކުމުގައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުން އިކްރާމަށް މަހުރޫމްވެފައިވާ ކަމަށާއި އެކަން އެގޮތަށް ދިމާވީ ފުލުހުންގެ ސަބަބުން ކަމަށެވެ. އެހެންވެ ހައި ކޯޓުން ހުކުމްކުރީ ޝަރީއަތް ނިމެންދެން އިކްރާމް ބަންދުކުރުމަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކަމަށް ކަނޑައަޅާ ކަމަށެވެ. ހައި ކޯޓުގެ އެ ހުކުމާއެކު ފުލުހުން ވަނީ އިކްރާމް ބަންދުން ދޫކޮށްލައިފަ އެވެ.

ނަމަވެސް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ. އިކްރާމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ތިން ދުވަސް ޖަހައިދީފި އެވެ. އެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އިކްރާމްގެ ބަންދު މުރާޖާ ކުރުމަށް މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އިކްރާމްގެ ބަންދު މުރާޖާ ކުރުމަށްފަހު ކޯޓުން ވަނީ އޭނާ އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ވިނަރެސް ކައިރިން ހިނގި މި އެކްސިޑެންޓަށް ދެ މަހެއްހާ ދުވަސް މިއަދުވިއިރު ރޭ ދަންވަރު ހުޅުމާލޭގައި ރޭސް ކާރަކުން 23 އަހަރުގެ ޒުވާނެއްގެ ގައިގައި ޖެހި އޭނާ ވަނީ މަރުވެފަ އެވެ.

ރޭގެ އެކްސިޑެންޓުގައި ރޭސް ކާރު ދުއްވަން އިން ޑްރައިވަރު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.