ސެޕްޓެމްބަރ 21, 2024

ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މި ދެ ބިލު ފާސްކުރީ މިދިޔަ އޮގަސްޓު 22 ގައެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުމެވެ.

އެގޮތުން ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ގާއުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒު ކުރެވެމުންދާ ގޮތް ބެލުމާއި ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްގީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތުތައް ހަ އިދާރާއަކުން ކުރާނެއެވެ. އެއީ:

  • މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
  • ސިޓީ ކައުންސިލް
  • ރަށު ކައުންސިލް
  • އާބަން ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
  • ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
  • އިގްތިސޯދީ ހާއްސަ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް

އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ. ރައީސް މުއިއްޒު، އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ ގާނޫނު މިހާރު ވަނީ ގެޒެޓްކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ހަ މަސް ދުވަހުން ފަހުންނެވެ.

ރައީސް މުއިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހުގެ ބިލުގެ ބޭނުމަކީ ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުތައް ގެނައުމެވެ.

އެ ބިލުގެ މަގުސަދަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ފަދައިން އެ ބަދަލުތައް ގާނޫނަށް ގެނައުމެވެ.

އެ ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި ކައުންސިލުން ހަދައި ކަމާ ގުޅުން ހުރި ގައުމީ އިދާރާ އިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތް އޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.