ސެޕްޓެމްބަރ 21, 2024

މާލޭގެ 5 ތަނެއްގައި ބޮން ގޮއްވަން އުޅުނު މައްސަލަ: ވަކީލު ކޯޓަށް ހާޒިރު ނުވުމުން ޖޫރިމަނާކޮށްފި

މީގެ 7 އަހަރު ކުރިން 2017 ގައި މާލޭގެ ފަސް ތަނެއްގައި އައިއީޑީ ގޮއްވާލަން އުޅުނު މައްސަލައަކާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައިވާ މީހެއްގެ ވަކީލު، މައްސަލައިގެ އަޑުއެހުމެއް ހާޒިރުނުވުމުން 250 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. މަޑަވެލި/ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު، ހދ. ނައިވާދޫ/ ރިވެލި، ޝިމާން ޝަރީފް، ހއ. ހޯރަފުށި/ ވިދުވަރު، ނާސިއު މުހައްމަދު އަދި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ކަމަށާއި އެ އަޑުއެހުމަށް ޝިމާންގެ ވަކީލު އިސްމާއިލް އަހުމަދު ހާޒިރުވެފައިނުވާ ކަމަށެވެ. އަދި އެއީ ކީއްވެގެންތޯ ގަޒީ، ވަކީލާ ސުވާލުކުރެއްވި އެވެ.

އިސްމާއިލް އަހުމަދު ވިދާޅުވީ އޭނާއަށް އެ ދުވަހުގެ އަޑުއެހުމަށް ހާޒިރު ނުވެވުނީ ރާއްޖެ އިން ބޭރުގައި ހުރުމުން ކަމަށެވެ. އަދި ރާއްޖެ އިން ބޭރަށް ފުރިއިރު ޝަރީއަތަށް ހާޒިރުވެވޭނެ ގޮތަކަށް ޓިކެޓް ނަގަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ރިޓާން ޓިކެޓު ލިބިފައިވަނީ އެ ޝަރީއަތަށްވުރެ ލަސް ދުވަހަކަށް ކަމަށް ވަކީލު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެއް މަސް ދުވަސް ކުރިން އޮގަސްޓު 5 ގައި ޝަރީއަތަށް ހާޒިރުވުމަށް އަންގައި ވަކީލަށް ޗިޓް ފޮނުވާފައިވާނެ ކަަމަށެވެ. ޝަރީއަތަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވަކީލުންނަށް ވެސް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވޭނީ ކޯޓުގެ ހުއްދަ ހޯދުމަށްފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ވަކީލު ވިދާޅުވީ އެ ދުވަސްވަރަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމުން ކޯޓުގެ ހުއްދަ ހޯދަން ޖެހޭނެކަން ގަބޫލު ނުކުރެވުނީ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ގަޒީ ނިންމެވީ އެއީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ވަކީލު 250 ރުފިޔާއިން ޖޫރިމަނާ ކުރެއްވި އެވެ.