ސެޕްޓެމްބަރ 21, 2024

ހުދުމުހުތާރުވެރިން ބޭނުންވިޔަސް މިނިވަން ނޫސްވެރިކަން ނައްތައެއް ނުލެވޭނެ: ފައްޔާޒު

މިނިވަން ނޫސްވެރިކަމަށް ހުދުމުހުތާރު ވެރިން ފުރުސަތު ދޭކަށް ބޭނުމެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް ދެއްވަމުން އަންނަ ބައި ލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުން ޖެހި ހަބަރަކާ ގުޅިގެން އެ ނޫހަސް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުން އެ ފިޔަވަޅު އަޅަން ނިންމީ ރައީސް ޑރ. މުއިއްޒަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި ކަމަށް ބުނެ އެވެ.

ސަރުކާރުގެ އެ ނިންމުމަށް ރައްދު ދެއްވައި ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރާ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި ސަރުކާރަށް އިތުރު ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

”މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ“ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ހަގީގަތާއި ހިލާފު އެތަކެއް ވާހަކަތުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން ކަމަށާއި ރައީސް މުއިއްޒުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދިނަމަވެސް ކަންކަމުގެ ހަގީގަތްތައް ހާމަވާނެ ކަމަށެވެ.