ކޮވިޑުގައި ކްލަބްތަކަށް އެހީވާން ހޯދި 1.9 މިލިއަން ޑޮލަރުން ބައްސާމް ގަތީ ދެ އެޕާޓްމަންޓް!

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅް ކުލަބުތަކަށް މާލީ ގޮތުން އެހީވުމަށް ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހޯދި 1.9 މިލިއަން ޑޮލަރުން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލު އަގުބޮޑު ދެ އެޕާޓްމަންޓް ގަނެފައިވާކަން ހާމަވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ 14 އޭޕްރިލް 2021 ގައި ފީފާ އިން ހޯދި އެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަނެފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމަންޓް ކަމަށެވެ. އަދި އެޕާޓްމެންޓު ގަތުމުގެ އެ މުއާމަލާތަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ތަހުގީގުން ބެލިބެލުމުން ފާހަގަކުރެވެނީ މި ލޯނު އެފްއޭއެމް އިން ނަގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަން. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެފްއޭއެމްއާ ދެމެދު މި ކުރެވުނު އެއް މިލިއަން ޔޫއެސް ޑޮލަރުގެ މުއާމަލާތަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ދައްކާފައިނުވާކަން އަޅުގަނޑުމެންނަށް ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވިފައިވޭ.“ ސަވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ފައިސާ އެފްއޭއެމްއަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފީފާ އިން ނެގި ފައިސާގެ އަދަދާއި އަމީން ކޮންޓްރަކްޝަނަށް ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާ ކަމަށްވެސް ވިދާޅުވި އެވެ.

ސަވާދު އިތުރަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށާއި ބައްސާމު އަދި މ. ހިރިނައިދޫ/ ހަސަން ވަހީދުގެ އިތުރުން ގއ. ގެމަނަފުށި މުހައްމަދު އަގީލުގެ މައްޗަށް، އޮޅުވާލުމާއި ހިޔާނާތުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.