ނޮވެމްބަރ 22, 2024

ބީއެމްއެލްއަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލުންކުރި އެ އިއުލާނުގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލެވޭނީ ބޭންކިން ހިދުމަތުގެ 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓް ދާއިރާ އިން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ.

ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތަކީބޭންކިން ނުވަތަ ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ގްރެޑުއޭޓް ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާ މީހަކަށްވާން ޖެހޭނެ ކަމަށާއި އަދި ޕްރޮފެޝަނަލް ބޭންކެއްގެ މެންބަރަކަށްވެސް ވާން ޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ މަގާމަށް ހޮވޭ މީހެއްގެ މުސާރަ ކަނޑައަޅާނީ ތައުލީމާއި ތަޖުރިބާގެ ފެންވަރަށް ބަލައިގެން ކަމަށް ބީއެމްއެލުން ބުންޏެވެ. މުސާރައިގެ އިތުރުން ހުންނާނެ ތަނަކާއި ކާރަކާއި ހެލްތު އިންޝުއަރެންސް ސީއީއޯގެ މަގާމަށް ހޮވޭ މީހަކަށް ބީއެމްއެލްގެ ހަރަދުގައި ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިއަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސީއީއޯގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށާއި އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް samah@bml.com.mv މެއިލް ކުރަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.