ނޮވެމްބަރ 24, 2024

މަރެއްގެ މައްސަލައެއްގެ ހެކިން ރާއްޖެއިން ފުރުމުން އިންޓަޕޯލްގެ އެހީއަށް އެދިއްޖެ

އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާއާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ހެކިން ރާއްޖެއިން ފުރައިފައިވާތީ އެ މީހުން ހޯދުމަށް އިންޓަޕޯލްގެ އެހީތެރި ކަމަށް އެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ދައުލަތުން ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވަނީ ދައުލަތުގެ މުހިންމު ހެކިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ތިބި ތަނެއްގެ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކުރިން ކޯޓަށް އަންގާފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ގާޒީ ވިދާޅުވީ ދައުލަތުން އެގޮތަށް ކޯޓުގައި ވިދާޅުވެފައިވީ ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް ކޯޓަށް އަންގާފައިނުވާ ކަމަށެވެ. އަދި އެއީ ކީއްވެގެންތޯ ގާޒީ ދައުލަތާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހެޅި އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށެވެ. އެ މީހުން މިވަގުތު ތިބި ތަނެއް ނޭނގޭތީ މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތެއް ނުލިބޭ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

ދައުލަތުން އެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންވެ، ހެކިން ހާޒިރުކުރަން މުއްދަތެއް ނެތް ގޮތަށް ފުރުސަތެއް ދެވެން ނެތް ކަމަށެވެ.

މިއަންނަ މަހުގެ ކުރީކޮޅު އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ހޯދުމަށްފަހު އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި އިތުރު މީހެއްގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ. އެއީ އެ ހާދިސާ ހިނގިއިރު ޖަޔަލަތުއާ އެކު ރިސޯޓްގައި އުޅުނު މީހެކެވެ.

މިއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ހެކިވެރިންތަކެއް ހޯދަން އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދުނު ފުރަތަމަ ފަހަރެވެ.