އޮކްޓޯބަރ 3, 2024

ލޯނަކަށް ފައިސާ ނުދައްކައިގެން ރިޔާޒުގެ މުދާތަށް ނެގުމަށް ދައުވާކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ބޮޑު ލޯނަކަށް ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގައި ވިލިފުށީ ދާއިރާ ތަމްސީލު ކުރެއްވި ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ބައެއް މުދާތައް ނެގުމަށް އެސްބީއައިއިން ސިވިލް ކޯޓުގައި ދައުުވާކޮށްފި އެވެ.

އެސްބީއައިން ވަނީ އެ ލޯނުގެ ފައިސާ ހޯދުމަށް ރިޔާޒާއި އޭނާގެ އާއިލީ ކުންފުނީގައި ހިމެނޭ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އެސްބީއައިއިން ދައުވާކުރީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5،900،000ރ. އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުންނެވެ.

ދައުވާގައި އެސްބީއައި އިން ވަނީ އެ ފައިސާ ހޯދުމަށް އެދިފަ އެވެ. އަދި ވަނީ އެ ފައިސާ ނުދައްކައިފިނަމަ ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދަ އެ ބޭންކަށް ލިބިގެންވާ ގޮތަށް ކަނޑައަޅާދިނުމަށް އެސްބިއައިއިން އެދުނެވެ.

ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ތަކެތީގެ ތެރޭގައި؛

ގ.ސިނަމޯ
ގ.އަންޒާނީގެ
ގ.އަންޒާނީގެއާގެ
މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
ރިޔާޒު ރަޝީދު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް 1 އަދި ސަންސްޕީޑް 2 ހިމެނެ އެވެ.

އެސްބީއައިގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން އެ ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމާއިމެދު ދައުވާލިބޭ ފަރާތްތަކުން ސުވާލު އުފެއްދި އެވެ. ނަމަވެސް ދައުވާކުރިއަށް ގެންދިއުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.