އޮކްޓޯބަރ 4, 2024

ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ތަގުރީރުން ރާއްޖޭގެ އިއްޒަތާއި ޝަރަފު އުފުލިއްޖެ: ޕީއެންސީ

ދުނިޔޭގެ އެންމެ ބާރުގަދަ މަޖިލިސް، އދ. ގެ ސަލާމަތީ މަޖިލީހުގައި ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންކަމުގެ ސަބަބުން ގައުމަށާއި ދިވެހި ދައުލަތުގެ އިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެން ގޮސްފައިވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އިން ބުނެފި އެވެ.

ރައީސް މުއިއްޒު ރޭ އދ.ގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތަގުރީރަކީ ރާއްޖޭގެ ރައީސަކު ސަލާމަތީ މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރެވެ.

އެކަމަށްޓަކައި ރައީސަށް މަރުހަބާ އާއި ޝުކުރު ދަންނަވައި ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ރައީސް ދެއްވި ތަގުރީރުގައި ފާހަގަކުރެއްވި ކަންކަމަކީ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިއާޔަތްކުރެއްވި، ބައިނަލްއަގުވާމީ ނިޒާމަށް މިހާރުން މިހާރަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކާއި ބައިނަލްއަގުވާމީ ނިޒާމަކީ ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެފައިވާ ނިޒާމެއްކަން ކަށަވަރުކުރުމަށް އަޅަންޖެހިފައިވާ އިސްލާހީ ފިޔަވަޅުތައް ފާހަގަކުރެއްވި ވަރަށް ފުރިހަމަ ތަހުގީރެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އދ.ގެ ސަލާމަތީ މަޖިލީހުން ދާއިމީ ޖާގައެއް ހައްގުވާކަން ރައީސް ފާހަގަކުރެއްވުމަކީ މިހާރަށްވުރެ އަދުލުވެރި ޑިމޮކްރެޓިކް އަދި ހަމަހަމަކަމާއެކު ބައިނަލްއަގުވާމީ މުޖުތަމައު ތަމުސީލުވަނިވި ނިޒާމަކަށް ހެއްދެވުމަށް ހުށަހެޅުއްވި މުހިންމު ކަމެއް ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ސަލާމަތީ މަޖިލީހުގައި މަދު ދައުލަތްތަކަކަށް ލިބިފައިވާ ވީޓޯގެ އިމްތިޔާޒު އުވައިލުމަށް ރައީސްގެ ތަގުރީރުގައި ގޮވާލެއްވިކަން ފާހަގަކޮށް ޕީއެންސީގެ ބަޔާނުގައި ބުނީ، އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ސަލާމަތީ މަޖިލީހުގައި ރައީސް އިއްވައިވައިދެއްވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް އަދި ދިވެހި ދައުލަތުގެ އިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެންދިޔަ ކަމެއް ކަމަށެވެ.

އެ ޕާޓީން އިތުރަށް ބުނީ، ސަލާމަތީ މަޖިލީހުގެ ވިސްނުމަށް ގެންނަންވީ ބަދަލުތައް ފާހަގަކުރައްވަމުން މިހާރަށް ޑިމޮކްރެޓިކް ގުނަވަނަކަށް އެ މަޖިލިސް ހަދައި، ދުނިޔޭގެ ރައްޔިތުންގެ އަޑުއަހައި، އެ އަޑަށް އިހުތިރާމުކުރާ ތަނަކަށް ސަލާމަތީ މަޖިލިސް ހެދުމަށް ރައީސް މުއިއްޒު ކުރެއްވި އިލްތިމާސުން ރާއްޖެއަކީ ދުނިޔޭގެ އާޖުފާދު އެނގޭ، ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކަށް ހޭލާ އޮތް، އާ ގޮންޖެހުންތަކާއި ހިރާސްތައް ގިރާކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ހުށަހެޅުމުގެ ގާބިލުކަން ލިބިފައިވާ ދައުލަތެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވި ކަމެއް ކަމަށެވެ.

”ރައީސް މުއިއްޒު އދ.ގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީހީ ތަގުރީރަކީ ދިވެހިރާއްޖޭގެ ގަދަރު އުފުލައި ދެއްވައި، ދިވެހިންގެ އަޑަކީ އޭގައި އަގެއްހުރި އަޑެއްކަން ސާބިތުކޮށްދެއްވައި ދުނިޔެއާއި ބައިނަލްއަގުވާމީ މަސްރަހާމެދު ދިވެހިންގެ އަމިއްލަ ވިސްނުންތަކާއި ފިކުރުތަކެއް ގެންގުޅޭކަން މުޅި ދުނިޔެއަށް އެ މަނިކުފާނު ހާމަކޮށްދެއްވި ތަގުރީރެކެވެ،“ ޕީއެންސީން ބުންޏެވެ.