ޔާމީން ޖަލަށް ލިޔަސް، ނުލިޔަސް ރައީސް މުއިއްޒަކަށް ދެވަނަ ދައުރެއް ނުލިބޭނެ: އުމަރު

އުމަރާއި ޔާމީން ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލިޔަސް އަދި ޖަލަށް ނުލިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް އުމަރު ވިދާޅުވީ، ޔާމީނަކީ ސިޔާސީ ގޮތުން އަދިވެސް ވަރަށް މަގުބޫލު ބޭފުޅެއް ކަމަށާއި ހާއްސަކޮށް ޕީޕީއެމް/ ޕީއެންސީގެ އާންމު މެންބަރުންގެ ތެރޭގައި އެ މަނިކުފާނަކީ މަގުބޫލު ބޭފުޅެއް ކަމަށެވެ.

އެހެންވެ މި ސަރުކާރުން އެމްއެމްޕީއާސީގެ ހިޔާނާތުގެ މައްސަލަ ބަލާނެ ކަމަށް ބުނެފައި އެ ވަނީ ޔާމީން ޖަލަށްލާ ވާހަކަ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ޔާމީން ޖަލަށް ލާން ކަމަށްވެސް އުމަރު ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަށް އެމްއެމްޕީއާރުސީގެ މައްސަލައެއް ނުބެލޭނެ ކަމަށެވެ.

”އެބޭފުޅާ (ޔާމީން) ޖަލަށް ލައިގެން މި ބޭފުޅުންނަށް (މި ސަރުކާރަށް) އިންތިހާބެއް ވިން ކުރެއްވޭނެ އެއްގޮތެއްވެސް ނޯންނާނެ. އެ ބޭފުޅާ ދޫކޮށްފައި ބަހައްޓައިގެންވެސް ވިން ކުރެވޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ މިހާރު މި އޮތީ ކޮންމެ ގޮތެއްވިޔަސް ގޯސްގޮތަށް ދިމާވެފައި،“ އުމަރު ވިދާޅުވި އެވެ.