ނޮވެމްބަރ 24, 2024

އިންޑިއާ ކަނޑަށް ބާރު ފޯރުވަން ބޭނުންވާ ގައުމުތަކުން ފުރަތަމަ ކަޅި އަޅާނީ ރާއްޖެއަށް: ރައީސް

އިންޑިއާއަށް ކަނޑަށް ބާރު ފޯރުވައި އެ ކަނޑުގައި ނުފޫޒު ގަދަކުރަން ބޭނުންވާ ގައުމުތަކުން އެންމެ ފުރަތަމަ ކަޅި އަޅާނީ ރާއްޖެއަށް ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރުކުރައްވަމުން ރައީސް މިއަދު ވިދާޅުވީ ރާއްޖެއަކީ ސައިޒުން ކިތަންމެ ކުޑަ މުހިންމު ގައުމެއް ކަމަށްވިޔަސް ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހަދެއްގައި އޮތް ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ވިޔަފާރީގައި އެންމެ އާންމުކޮށް ބޭނުންކުރާ މަގުތައް ހުރީ ރާއްޖެ ތެރެއިން ނުވަތަ ރާއްޖެއާ ކައިރިން ބޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.

”އިންޑިއާ ކަނޑުން ހިނގާ އިގްތިސޯދީ ހަރަކާތްތަކަކީ ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ސެކިޔުރިޓީއަށް މުހިއްމު ކަމެއް. ބައިނަލްއަގުވާމީ ބަލްކު ކާގޯގެ 1/3 ދަތުރުކުރަނީ އިންޑިއާ ކަނޑު ހުރަސްކޮށް. އޭޝިއާ އާއި ޔޫރަޕުގެ މެދުގައި ހިނގާ ވިޔަފާރި މުއާމަލާތްތަކުގެ %75 ހިނގަނީ އިންޑިއާ ކަނޑު މެދުވެރިކޮށް،“ ރައީސް ވިދާޅުވި އެވެ.

”އެހެންކަމުން މި ސަަރަހައްދަށް ބަސް ބުނަން ބޭނުންވާ ފަރާތްތަކުން އަދި އިންޑިއާ ކަނޑުގެ ނުފޫޒު ބެލެންސް ކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ކަޅި އަޅާނީ ރާއްޖެއަށް“

ރައީސް ވިދާޅުވީ ދިވެހިންނަށް ވެސް އެކަން ރަނގަޅަށް ދަންނަ ކަމަށެވެ. އެހެންވެ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަކީ ވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އެ ގުޅުން މުހިންމު ވަނީ އިންޑިއާ ކަނޑުގައި ބައިނަލްއަގްވާމީ ސުލްހަ ގާއިމްކުރުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ކުޑަ ގައުމަކާއި ދުނިޔޭގެ ބޮޑު ބާރަކާ ދެމެދު ގުޅުން ބޭއްވުުން މުހިންމުވަނީ ކީއްވެގެންތޯ ސުވާލު އުފައްދާއިރު، އެއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.