ނޮވެމްބަރ 24, 2024

ޒުވާނުން ޓޫރިޒަމަށް ނުކުމެ، ހަތަރު ވަރަކަށް ރިސޯޓް ހިންގާތަން ދެކުމަކީ ހުވަފެނެއް: ފައިސަލް

ޓޫރިޒަމް ދާއިރާއަށް ޒުވާނުން އިންވެސްޓްކޮށް އެ ޒުވާނުންނަކީ ހަތަރު ވަރަކަށް ރިސޯޓް ހިންގާ މީހުންނަށްވާތަން ދެކުމަކީ އޭނާގެ ހުވަފެނެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ދެއްވި މެސެޖުގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި ދިވެހިން ކުރިއަރައި ދިއުމަކީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ. އެގޮތުން މި ދާއިރާއަށް ވިސްނުން ބަހައްޓައިގެން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ދިވެހި ޒުވާނުންނަށް މިއީ ހާސިލު ނުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑު ވަރަށް ބޭނުން ޒުވާނުން މީގެ ތެރެއަށް ވަދެ، ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓްކޮށް އެ ބޭފުޅުންނަކީ މީގެ 15/20 އަހަރު ފަހުން ތިން/ ހަތަރު ރިސޯޓް އޯންކޮށްގެން ތިއްބެވި ބޭފުޅުންނަށްވާތަން ދެކުމަކީ އަޅުގަނޑުގެ ހުވަފެނެއް،“ ފައިސަލް ވިދާޅުވި އެވެ.

މީގެ 53 އަހަރު ކުރިން ރާއްޖޭގައި ޓޫރިޒަމް ފެށި ގޮތަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ފެށީ އެއީ ކުރިއަށް ނުގެންދެވޭނެ ދާއިރާއެއް ކަމަށް ބުނަމުން ދަނިކޮށް ކަމަށެވެ. އެގޮތުން އޭރު ކުރިމަތިވި ދަތިތަކާއެކުވެސް ހިތްވަރު ނެރިގެން ޓޫރިޒަމް ފަށައިގަތުމަށް ކުރި މަސައްކަތަކީ ނަމޫނާ ލިބިގަންނަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.