އޮކްޓޯބަރ 4, 2024

ޝަމީމުގެ ނިންމުންތައް އަމިއްލަ އިސްނެގުމުގައި ބަދަލުނުކުރާނަން: އައްބާސް

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އެއްވެސް ނިންމެވުމެއް އިސްވެ ރިވިއުއެއް ނުކުރައްވާނެ ކަމަށް މިހާރުގެ ޕީޖީ އައްބާސް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވީ ޝަމީމުގެ ނިންމުންތައް ރިވިއު ނުކުރި ނަމަވެސް އެ ނިންމުންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޝަކުވާތައް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

”އަޅުގަނޑު އަދިއެއް ވިސްނުމެއް ނެތް، ކުރީގެ ޕީޖީގެ ނިންމުންތައް، އަޅުގަނޑު އިސް ނަގައިގެން ރިވިއު ކުރާކަށެއް، މިހެން ދަންނަވާ އިރު ވެސް އަޅުގަނޑު ދަންނަން، މަޖިލީހުގައި ބައެއް މެންބަރުން ވިދާޅުވި ކުރީގެ ޕީޖީ މަގާމުން ވަކިކުރަން ނިންމި ސަބަބު ކަން ވެސްއެއީ،“ އައްބާސް ވިދާޅުވި އެވެ.

”އަޅުގަނޑު ވަކި މައްސަލަތަކެއް ނަގައިގެން ރިވިއު ކުރުމުގެ ވިސްނުމެއް ނެތް، އޭގެ ބަދަލުގައި އަޅުގަނޑު މިހާރު މި ހުޅުވާލީ ހުރިހާ ބޭފުޅުންނަށް ފުރުސަތު، އޭގެ ތެރޭގައި މި މައްސަލަތައް ހިމެނެންޏާ، ޕީޖީގައި ހުރި އުސޫލުތަކުގެ ތެރެއިން ރިވިއުކޮށް، ގޮތެއް ނިންމާނީ.“

އައްބާސް ވިދާޅުވީ އޭނާ އަމިއްލައަށް މައްސަލަތައް ރިވިއުކޮށްފިނަމަ އިންސާފުން ބޭރުން ވަކި މީހަކާމެދު ވަކި ގޮތަކަށް އަމަލުކުރާ ކަމަށް ދެހޭވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

”އަޅުގަނޑަށް އޭރުން އަންނާނެ އެލިގޭޝަން. ކުރިން ނިންމި ނިންމުން ހާއްސަކޮށް ބަދަލުކޮށްފިއްޔާ، އެ މީހަކާ މެދު ޒާތީ ތައައްސުބަކުން ވިސްނާފައޭ ޕީޖީ އެ ގޮތަށް އެކަން ކުރީ“ އައްބާސް ވިދާޅުވި އެވެ.

އެހެންވެ މައްސަލަތަކާ ގުޅިގެން މީހުން ހުށަހަޅާ ޝަކުވާތައް ރިވިއުކުރަން ޕީޖީ އޮފީހުގެ ތެރޭގައި ހާއްސަ ކޮމިޓީއެއް އުފައްދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ޝަމީމާ ގުޅޭ ގިނަ ޝަކުވާތަކެއް ލިސްޓުކުރުމަށް ފަހު އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް، ތަޅުމުގައި އެ ކަމަށް ޖަލްސާ ފެށިތަނާ ޝަމީމް އިސްތިއުފާ ވެސް ދެއްވިއެވެ. އެކަމަކު، ރައީސް އޮފީހަށް އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ބުނެ، ތަޅުމުގައި ވޯޓު ނަގައި ޝަމީމް ވަކިކުރީ އެވެ.

ޝަމީމާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މަޖިލީހުގެ ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދުގެ މައްސަލަ ވެސް ހިމެނެއެވެ. ޕީޖީ ވަނީ ޝަކުވާ ހުށަހަޅުއްވައިފި ނަމަ، އެ މައްސަލަތައް ވެސް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.