ކޮލިޓީ ދަށްވުމުގެ ސަބަބުން އިންޑިއާގައި ބޭނުންކުރުން މަނާކުރި ބޭސްތަކުގެ ލިސްޓުގައިވާ އެއްވެސް ބޭހެއް ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން ނުދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފި އެވެ.
އިންޑިއާގައި ބޭހުގެ ފެންވަރު ބަލާ އިދާރާ ކަމަށްވާ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޮގަނައިޒޭޝަން (ސީޑީއެސްސީއޯ)އިން ވަނީ އެ ގައުމުގެ އެކި ކުންފުނިތަކުން އުފައްދައި ވިއްކަމުން ދާ 48 ބޭހެއްގެ ކޮލިޓީ ދަށްވެގެން އެކަން މި ހަފްތާ އިއުލާންކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް ބޭސްތައް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެމްއެފްޑީއޭއަށް ޝަކުވާ ހުށަހަޅައިފި އެވެ.
އެކަމާ ގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ މާކެޓުގައި އަދި ރާއްޖެއަށް އެތެރެއަށް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބަލަން ގިނަ މަސައްކަތްތަކެއް ކޮށް، މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ.
މަވެސް، ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބެޗެއްގައި، އެ ބޭސް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓުކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވުމާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.
”ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.“ އެލާޓުގައި ވެ އެވެ.
ގުޅުންހުރި
ގޭގައި ހަދާ ކާބޯތަކެތި ދެން ވިއްކޭނީ ކޯހެއް ހަދައިގެން
އެމްއެފްޑީއޭ އުވާލައި އާ އެމްއެފްޑީއޭއެއް ރައީސް އުފައްދަވައިފި
ރޯގާއަށް ބޭނުންކުރާ އެލެގްރާ ބޭހުގައި ކޮލިޓީ މައްސަލަތަކެއް، ބޭނުންކުރުން މަނާކޮށްފި