އޮކްޓޯބަރ 3, 2024

ޖަލަށް ޑްރަގް ވެއްދިކަމުގެ ތުހުމަތުގައި އޮފިސަރަކު ބަންދުކުރީ ގޯސްކޮށް: ހައި ކޯޓު

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫންގެ ތެރޭގައި ފުލުހުން މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ 18 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މާފުށިން ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. ނަމަވެސް އެ މައްސަލާގައި ހެކި ނެތުމުގެ ސަބަބުން އެ މީހާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

ހައި ކޯޓުން އެ މައްސަލައިގެ ގޮތެއް ނިންމި ރައުޔުގައި ބުނީ އެ އޮފިސަރު ހައްޔަރުކުރީ މާފުށިން ކަމަށް ވާތީ ޖިނާއީ އިޖްރައާތުގެ ގަވާއިދު އޮންނަ ގޮތުން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ އެރަށުގައި މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔައީ މާފުށީ ޕޮލިސް ސްޓޭޝަންގައި ވަސީލަތްތައް ނެތުމުން އޭނާ މާލެ ގެނެސްފައިވާތީ ކަމަށް ދައުލަތުން ބުންޏަސް، ކްރިމިނަލް ކޯޓަށް އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

އެހެންވެ ހައި ކޯޓުން ހުކުމްކުރީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށެވެ.

މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ މައުލޫމާތު ދެމުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޖަލަށް ވަގަށް ތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި ކަމަށެވެ. އެ މީހުންގެ އެކައުންޓުތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ފަސް މީހުންގެ ތެރެއިން ތިން މީހަކާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ވަނީ ހަދައިފަ އެވެ.