ނޮވެމްބަރ 22, 2024

އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އާމިނަތު ނަމްޒާ، ޖެންޑާ މިނިސްޓްރީން ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަމިނަތު ހުސައިން ޝަރީފު ބަދަލުކުރީ ފިޝަރީޒް މިނިސްޓްރީއަށެވެ. އަދި ނަމްޒާ ބަދަލުކުރީ ޔޫތް މިނިސްޓްރީއަށެވެ.

އެ ބަދަލު ގެނައީ ”އިންޓާނަލް ބަދަލެއްގެ“ ގޮތުގައި ކަމަށް އެނގިފައިވެ އެވެ. އެ ދެ މީހުން އެހެން މިނިސްޓްރީއަކަށް ބަދަލުކުރި ސީދާ ސަބަބު ސާފުވެފައިނުވެ އެވެ.

ނަމަވެސް އެ ދެ މީހުން، އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިމިވަނީ ޖެންޑާ މިނިސްޓްރީގެ ”އެލްޑާލީ ޑިޕާޓްމަންޓު“ އިސްވެރިއެއް ކަމަށްވާ އައިޝަތު ޝޫޒާ އެ މިނިސްޓްރީގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. ޝޫޒާ އެ ތުހުމަތުތައް ކުރާ ވިޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވިޑިއޯގައި ޝޫޒާ ވިދާޅުވެފައިވަނީ ޖެންޑާ މިނިސްޓްރީގެ އިސްވެރިން އޭނާއާމެދުތަފާތުކުރުން ގެންގުޅުއްވާ ކަމަށާއި އެހެންވެ، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.