އޮކްޓޯބަރ 8, 2024

ބައްސާމަށް ކުރާ ދައުވާގައި ބައެއް ހެކިތައް ސިއްރުކުރަން ދައުލަތުން އެދިއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްކުރާ މަނީ ލޯންޑަރިންނާއި ހިޔާނާތުގ ދައުވާގައި، އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ބައެއް ހެކިތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދިއްޖެ އެވެ.

ޕީޖީ އޮފީހުން ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމަށް ހެކިހުރި ކަމަށް ބުނެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ސިއްރުކުރަން އެދުނީ އެފްއޭއެމް ބޭންކް ސްޓޭޓްމަންޓާއި ބައްސާމްގެ އެކައުންޓުން ފައިސާ ޖަމާކުރި އެހެން ބައެއް މީހުންގެ އެކައުންޓް ސްޓޭޓްމަންޓްތަކެވެ. އެ ހެކިތައް ސިއްރުކުރި ނަމަވެސް، ކޯޓުގައި ތިބެގެން އެ ސްޓޭޓްމަންޓްތައް ބެލުމުގެ އިންތިޒާމް ބައްސާމާއި ދިފާއީ ވަކީލުންނަށް ހަމަޖައްސައިދޭން ދެކޮޅު ނަހަދާކަން ދައުލަތުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ބައްސާމްގެ ދިފާއީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ހެކި ސިއްރުކުރަން ދައުލަތުން އެދުނު ކަން ލިޔުންތަކުން ކުރިން އެނގެން ނެތް ކަމަށެވެ. އެހެންވެ، ހެކި ސިއްރު ކުރުމަށް ދައުލަތުން އެދުނު ފޯމު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ލިޔުމުގެ ކޮޕީއެއް މިއަދު ކޯޓުން ދޫކުރާނެ ކަމަށެވެ. ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކާނީ ދެން ބާއްވާ އަޑުއެހުމެއްގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މިމަހުގެ ފަހުކޮޅުގައި ކަމަށެވެ. އެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.