އޮކްޓޯބަރ 8, 2024

ބަނދަރަށް ވަންނަން ވާދަޖެހި ކަމަށް ބުނާ ލޯންޗުތަކުގެ ކެޕްޓަނުން ލައިސަންސް ހިފަހައްޓައިފި

އއ. ތޮއްޑޫ ބަނދަރަށް ވަންނަން ވާދައަށް ދުއްވި ލޯންޗުތަކުގެ ކެޕްޓަނުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ އިން ފުރައިގެން ތޮއްޑުއަށް ދިޔަ ލޯންޗުތަކެއް އެ ރަށު ބަނދަރަށް ވަންނަން ވާދަޖެހި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ ތޮއްޑު އާއި މާލެއާ ދެމެދު ދަތުރުކުރާ ”ނަސްރު ސްޕީޑް“ ލޯންޗު ދުވަލި ބާރުކޮށް، ”ރިލެކްސް ގޯލްޑް“ ނަމަކަށް ކިޔާ ލޯންޗަށްވުރެ ކުރި އަރައިގެން ގޮސް ބަނދަރަށް ވަންނަ މަންޒަރެވެ. އެ ލޯންޗުތަކުގެ ފަހަތުން ”ރަމްޒު ކުއީން“ ލޯންޗް ވެސް ވަންނަތަން ވީޑިއޯ އިން ފެނެ އެވެ.

އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 13 އޮގަސްޓް 2024 ގައި އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލިމުން އެނގޭ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ ލޯންޗުތައް ދުއްވި ކެޕްޓަނުންގެ ލައިސަންސް ހޮނިހިރު ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ތިން މީހުންނާމެދު ދާއިމީ ފިޔަވަޅެއް އަޅާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ފުލުހުން ބުންޏެވެ.