އޮކްޓޯބަރ 8, 2024

ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރަން ނިންމީ ގާނޫނާ ހިލާފަށް: ހައި ކޯޓު

ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތައް ކައިރިއަށް އެއްވެ ފަލަސްތީނުގައި، އިޒްރޭލުން ހިންގަމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގާނާނާހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޝާދިޔާއަކީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފުގެ އަނބިކަނބަލުންނެވެ. ފުލުހުން ޝާދިޔާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޝާދިޔާގެ އިތުރުން ފުލުހުން ވަނީ ޑރ. ޝަޒްރާ އިބްރާހިމް ވެސް ހައްޔަރުކޮށްފަ އެވެ.

ކުރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު އެ ދެ މީހުން މިހާރު ތިބީ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލަ ޝާދިޔާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުން މިއަދުކުރި އެ މައްސަލައިގެ ހުކުމުގައި ވަނީ ޝާދިޔާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކަމަށް ވިޔަސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންވެ ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.