ޝިއުނާ އަށް އެމްއޭސީއެލް އިން ބޮޑު މުސާރަ އާއެކު މަގާމެއް ދީފި

ޔޫތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާއަށް ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި, މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ވަޒީފާއެއް ދީފި އެވެ.

ޝިއުނާއަކީ ރާއްޖެ އާއި އިންޑިއާއަށައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެއްކި މައްސަލާއަކާ ގުޅިގެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރި މީހެކެވެ. ސަސްޕެންޝަންގައި ހުރި އިރުވެސް އޭނާ އިންޑިއާއަށް ފުރައްސާރަކޮށް ހެދި އެވެ.

ނަމަވެސް އަށް މަސް ފަހުން އޭނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިސްތިއުފާ ދީފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޝިއުނާއަށް ދީފައިވަނީ އެމްއޭސީއެލްގެ މީޑިއާ ޑިޕާޓްމަންޓުގެ މަގާމެކެވެ. އެ މަގާމު ދީފައިވަނީ ނޯމަލް މުވައްޒަފެއްގެ ރޭންކުގައެވެ. މަގާމުގެ މުސާރަ ސީދާ ނޭންގުނު ނަމަވެސް ބައެއް މަސްދަރުތަކުގައި ބުނެފައިވާ ގޮތުން އެ މަގާމުގެ މުސާރައަކީ މަހަކު 40,000 ރުފިޔާ އެވެ.

ޝިއުނާއަށް އެމްއޭސީއެލް އިން ބޮޑު މުސާރަ ލިބޭ މަގާމެއް ދިން އިރު, މޯދީއަށް މަލާމާތްކުރުމުން ޝިއުނާ އާއެކު ސަސްޕެންޑް ކުރި މަލްޝާ ޝަރީފަށް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު މުސާރައިގައި މަގާމެއް ދީފަ އެވެ.