ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީން ކުރަން ކޯހެއް ފަށަނީ، ބައިވެރިވުން މުޅިން ހިލޭ!

އަންހެނުންނަށް ހާއްސަކޮށް މީގެ ކުރިން އެ ކުންފުނިން ހިންގި އިލެކްޓްރީޝަން ކޯހެއްގެ މަސައްކަތުގައި އަންހެނުންތަކެއް.-- ފޮޓޯ: ސްޓެލްކޯ

އަންހެނުންނަށް ހާއްސަ އިލެކްޓްރީޝަން ކޯހެއްގައި ބައިވެރިވުމަށް ސްޓެލްކޯ އިން ހުޅުވާލައިފި އެވެ.

”ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން“ ގެ ނަމުގައި ކުރިއަށް ގެންދާ އެ ކޯހުގެ މަގުސަދަކީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރި ކުރުވައި އެ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެ ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމާއި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމާއި ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މައުލޫމާތު ކިޔަވައިދޭނެ ކަމަށްވެސް ބުންޏެވެ.

މާލޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ކޯހުގައި 16 އަހަރުން މަތީގެ އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި، އެ ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަތަރު ދުވަހަށް، ކޮންމެ ދުވަހަކު ތިން ގަޑިއިރަށެވެ. އަދި ކޯހުގައި ބައިވެރިވުމަށް އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.