މިނިވަން އިދާރާއަކަށް ނުފޫޒު ފޯރުވުމަކީ ކުރިކަމެއް ނޫން އަދި ކުރާނެ ކަމެއް ވެސް ނޫން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

މިނިވަން މުއައްސަސާއެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރި ކަމެއް ނޫން ކަމަށާއި ކުރާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި މިއަދު ވަނީ ބަހުސް ފަށައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސަށާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރި ކަމެއް ނޫން އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ

އޭގެ ބަދަލުގައި އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއެކު ވަކި މީހަކަށް ބެލުމެއް ނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުންދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.