ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕެއިން ހަރަކާތާ ގުޅިގެން ވަކިވަކި ގައުމުތަކާމެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލުކަމަށް ނިންމައިފި އެވެ.
ޔާމީން ފަރާތްޕުޅުން 20 ސެޕްޓެމްބަރު 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ވިދާޅުވެފައިވަނީ އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާމެދު ނަފުރަތު އުފެއްްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން ނަމުގައި 21 އޭޕްރިލް 2022 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުގެ އިމުގެ ބޭރުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރެއް ކަމަށެވެ.
އެ ގަރާރުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންދާނެ ކަމަށާއި އެކަން އެގޮތަށް ހަނިވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.
ސިވިލް ކޯޓުން އިއްޔެ ވަނީ ޔާމީން ހުށަހެޅުއްވި އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމައިފަ އެވެ.
އެ ނިންމުން ނިންމި ގާޒީ އަބްދުއްނާސިރު ޝަފީގު ވިދާޅުވީ ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ވަކީލަށް، ކޯޓަށް ހާޒިރުވުމަށް އަންގައި މިދިޔަ އާދިއްތަ ދުވަހު ޗިޓް ފޮނުވައިފައި އެ ރައްދުވެފައިވީ ނަމަވެސް ވަކީލު ކޯޓަށް ހާޒިރުވެފައިނުވާ ކަމަށް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން، އަމިއްލަ ބާރު ނުފޯރައި ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ވަގުތަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރުވެސް ލިބިގެންވާ ކަމަށެވެ.
”މި މައްސަލައާ ގުޅިގެން، 29 އޮކްޓޫބަރު 2024ގެ 13:00 އަށް ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ދައުވާކުރާ މއ. ކާމިނީހުޅަގުގެ/ މާލެ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފަރާތުން މި މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ވަކީލަށް ފޮނުވުނު އަމުރު އެ ފަރާތަށް ރައްދުވެ، މަގުބޫލު އުޒުރެއް ނެތި އެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް މި ގަޒިއްޔާ ނިންމަންޖެހެއެވެ“ ގާޒީ ވިދާޅުވި އެވެ.
އެ ކަންތައްތައް ފާހަގަކުރައްވައި ގާޒީ ނިންމެވީ ޔާމީންގެ ފަރާތުން ހަމަޖެއްސެވި ވަކީލު މަގުބޫލު އުޒުރެއް ނެތި އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރާ ކަމަށެވެ.

ގުޅުންހުރި
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ދެވަނަ ފަހަރަށް
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
ސާޖިދާ އެދުނީ ޝަރީއަތް ލައިވްކުރަން، ކޯޓުން ނިންމީ ލައިވް ނުކުރަން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް އިރަކު ހަތިޔާރެއް ނުގެންގުޅޭ: ގައްސާން
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް