ބަޖެޓް :25 ކަރަންޓާއި ކާބޯތަކެތީގެ އަގު ހެޔޮކުރަން ސަރުކާރުން ދޭ ފައިސާ ބޮޑުތަނުން މަދުކޮށްފި

އަންނަ އަހަރަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާއާއި ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ދޭ ފައިސާ ބޮޑުތަނުން މަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން އެހީ އާއި އިޝްތިރާކާ އަދި ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ ވަނީ ބޮޑުތަނުން މަދުކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި އެކަމަށް 10.9 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް އިރު، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވަނީ 7.9 މިލިއަން ރުފިޔާ އެވެ. އެއީ ތިން ބިލިއަން ރުފިޔާގެ މަދުވުމެކެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ކަނޑައަޅާފައިވަނީ 379 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ 52 ޕަސެންޓް ކުޑަ އަދަދެކެވެ. ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާގެ އަދަދު ކުޑައިރު، ފިއުލް ސަބްސިޑީގެ ގޮތުގައި ދޭ ފައިސާގެ އަދަދު ވަނީ 80 ޕަސެންޓް ކުޑަކޮށްފަ އެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު ވަނީ 73 ޕަސެންޓް މަދުކޮށްފަ އެވެ. އެގޮތުން މި އަހަރުގަ ބަޖެޓުގައި އެކަމަށް 353 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް އަންނަ އަހަރަށް ފާސްކުރަން ފޮނުވާފައިވާ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވަނީ އެންމެ 93 މިލިއަން ރުފިޔާ އެވެ.

މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 210 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ 413 މިލިއަން ރުފިޔާއަށްވުރެ 49 ޕަސެންޓް ކުޑަ އަދަދެކެވެ.