ގަވާއިދާހިލާފަށް ދުންފަތް އެތެރެކޮށްފިނަމަ ނައްތާލުމުގެ ހަރަދު ދޭން ޖެހޭނެ!

ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލަން ހިނގާ ހަރަދު، އެ ތަކެތި ރާއްޖެއަށް ގެންނަ ފަރާތަކުން ދޭން ޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް މިއަދު ގެނައި އިސްލާހުގައި ވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާގައި އެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތާލުން ފަދަ ކަންކުރާނެ ކަމަށެވެ. އަދި އެކަންތައް ކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ކަމަށެވެ.

ގަވާއިދާހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަމަށް ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން  ޕޯސްޓު ނުވަތަ ކޮރިއަ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ބޭނުން ފިޔަވައި އެހެނިހެން ހާލަތްތަކުގައ،ި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ ތަކެތި ރާއްޖެ އެތެރެކުރި ފަރާތް ޖޫރިމަނާކުރުމަށްފަހު ކަސްޓަމްސްގެ އާންމު ގަވާއިދާ އެއްގޮތަށް އެ ތަކެތި ކަސްޓަމްސް އިން ނައްތާލަންވާނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް އެ އެއްޗެހި ނައްތާލުމަށް ހިނގާ ހަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތަކުން ކަސްޓަމްސް ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

އޭގެ އިތުރުން، ހިފަހައްޓާ ތަކެތި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައި ހުންނައިރު ހިނގާ ހަރަދު ވެސް އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ދައްކަންޖެހޭނެ ކަމަށެވެ.