ދުނިޔޭގެ ސިޔާސީ އޮއިވަރުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ކުރިމަތިވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި އެހެންކަމުން ދިވެހިން ތިބެން ޖެހޭނީ އެކަމަށް އަބަދުވެސް ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ، މީގެ 36 އަހަރު ކުރިން 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކު އިސްވެ، ސްރީ ލަންކާގެ ތަމަޅައިގެން ބަޔަކު މާލެ އަރައި އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ކާމިޔާބީއަށްޓަކައި މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިއީ އަހަރުތަކަކަށްފަހު ރައީސް މައުމޫން ގައުމީ ޕޯޑިއަމެއްގައި ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރާއްޖެއަށް އެ ދުވަހު ނަސްރު ލިބުނީ މާތް ﷲ ގެ ހަޒުރަތުން ކަމަށެވެ. އެހެންކަމުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް، ދިވެހިންގެ ހިތްތަކުގައި މާތް ﷲ އަށްޓަކައި އޮތް އީމާންކަމާއި ލޯބި އިތުރުކުރަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ދުވަހުގެ ހާދިސާ އިން ދަސްކޮށްދޭ ފިލާވަޅުތައް ވަރަށް ގިނަ ކަމަށާއި ހާސިލުކޮށްދޭ އިބުރަތްތައްވެސް މުއްސަނދި ކަމަށެވެ. އޭގެ ތެރެއިންވެސް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނުގުނޑާފަދަ އަޒުމަކާއެކު ހިފެހެއްޓުން މުހިންމު ކަމަށް ވިދާޅުވިއެވެ.
”ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާ ގޮތުން ރާއްޖޭގެ ގައުމީ މަސްރަހަށް ބަދަލުތަކެއް އައި ނަމަވެސް އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބަދަލުވަމުންދިޔަ ނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދި ހިނގަމުންދިޔަ ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ،“ މައުމޫން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ކަންތައްތަކަށްވުރެ ގައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ނޮވެމްބަރު 3ގެ ހާދިސާ ހިނގަމުންދިޔައިރުވެސް ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތައް ފެނިގެންދިޔަ ކަމަށާއި ސަރުކާރާ ދޭތެރޭ ހިތްހަމަނުޖެހިފައި ތިބި މަދު ބަޔަކު ތިބި ނަމަވެސް އެ ދުވަހު އެންމެންވެސް ތިބީ ސަރުކާރާ އެކީގައި ކަމަށް ވިދާޅުވިއެވެ.
އެ ދުވަހު ދިވެހިންގެ ވަރުގަދަ ހިތްވަރުވެސް ފެނިގެންދިޔަކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިއްޒަތާއި ޝަރަފަށްޓަކައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރުވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ހަގީގަތެއްކަން އެ ދުވަހު ސާބިތުވި ކަމަށެވެ.
”އެ ދުވަހު ސާބިތުވީ ދިވެހި ގައުމަކީ ހަނގުރާމައަށް ތައްޔާރުވެފައިވާ ގައުމެއް ކަމުގައި ނުވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި މާބާރުގަދަ ހަތިޔާރުތަކެއް ނެތް ނަމަވެސް، އަޅުގަނޑުމެން ހަނގުރާމަ ކުރަމުންދިޔައީ ވަރަށް ގަދަ ހިތްވަރަކާއެކު،“ މައުމޫން ވިދާޅުވިއެވެ.
ޖަލްސާގައި މައުމޫން ވަނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ ފަރާތްތަކާ އެކު އޮންނަ ގުޅުން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން އިންޑިއާގެ ސިފައިންނަށް ދިވެހިންގެ ޝުކުރު އަބަދުވެސް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގުޅުންހުރި
މިއަދަކީ ކެރޭ، ގާބިލު ލަޝްކަރެއް އޮތްކަން ދުނިޔެއަށް ދައްކަންވީ ދުވަސް: ގައްސާން
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވައިފި
ޝަހީދުވެފައިވާ މީހުންގެ އާއިލާތަކަށް ހާއްސަ އެލަވެންސަކާއި ފްލެޓް ދެނީ
ނޮވެމްބަރު 3ގެ އެއް ބަތަލު މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ
ޖަމިއްޔާތަކުގެ ލިސްޓުގައި ސަލަފާއި މައުމޫން ފައުންޑޭޝަން ނެތް!