ނޮވެމްބަރ 25, 2024

ރައީސްގެ ދޮން މަންމައާ ގުޅޭ ޑޮކިއުމެންޓްރީއަށް އެވޯޑް ދިނުމުން އޭސީސީން އެމްއެމްސީއަށް ވަދެއްޖެ

އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ”އަދަދު“ އޮންލައިނަށް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެމްއެމްސީއަށް ވަދެއްޖެ އެވެ.

އޭސީސީން މިއަދު ބުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ އެ އިދާރާއަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ތަހުގީގީ އޮފިސަރުން އެމްއެމްސީގެ އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ”އަދަދު“ އޮންލައިނަށް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ހަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

ފަސް ފަނޑިޔާރުން އެހެން ވިދާޅުވީ، އެ ބޭފުޅުން ސޮއިކުރައްވައި މިރޭ ނެރުއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ސޮއިނުކުރައްވަނީ އަބްދުﷲ ނައީމް އިބްރާހީމެވެ.

ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ ”އަދަދު“ އޮންލައިންގެ ”ސްކީލާން“ ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރެއްވި ޑޮކިއުމެންޓްރީއެކެވެ. އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވައިފަ އެވެ.

އަދަދު ނޫހުގެ އެ ޑޮކިއުމެންޓްރީއަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވަނީ ހަތް ކަމެއް ބަޔާނުގައި ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވަނީ އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަން އެމްއެމްސީ އަށް ފާހަގަވެގެން އެކަން އެ ގޮތަށް ނުކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ނޫސްބަޔާން ނެރެފައިވާ ކަމެވެ.

ފަނޑިޔާރުން ވިދާޅުވެފައިވަނީ އެ ޑޮކިއުމެންޓްރީ އެމްއެމްސީ އަށް ބަލައިގަނެ، ފަނޑިޔާރުންނާ ހަމައަށް ގެންދިޔައީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ. ފަނޑިޔާރުން ވިދާޅުވިގޮތުގައި، އެ ބޭފުޅުން އުފެއްދެވި ސުވާލުތަކަށް އެމްއެމްސީން ޒިންމާދާރުކަމާ އެކު ޖަވާބުދާރީއެއް ވެސް ނުވެ އެވެ.

އޯޑިއޯ، ވީޑިއޯ ދާއިރާ އިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތުން. ރުބްރިކްގައި 80 ޕަސެންޓް ފަރުމާ ކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭން ޖެހޭ ގޮތަށް. މިހެންވެ ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތް،“ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

”އެހެންކަމުން މި އުފެއްދުން ކައުންސިލަށް ބަލައިގަތް ނިޔަތާ މެދު ސުވާލު އުފެދޭ،“

ބަޔާނުގައި އިތުރަށް ވިދާޅުވީ އެވޯޑަށް ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތަކާއި އެވޯޑްސްގެ ޖުމުލަ އަދަދު ފަނޑިޔާރުންގެ ޕެނަލާ ވެސް ހިއްސާ ނުކުރާ ކަމަށެވެ.

”މީގެ ކުރީ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސް ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް. މި ފަހަރު މިއިން އެއްވެސް ކަމެއް ކޮށްފައި ނެތް،“ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

އެމްއެމްއެސީ އެވޯޑް ނައިޓްގެ ހަފުލާ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށްފައިވާއިރު، ”ސްކީލާން“ ޑޮކިއުމެންޓްރީ ވެސް ވަނީ ލައިވްކޮށް ދައްކައިފަ އެވެ. އެއީ ޕީއެސްއެމުން ގެންގުޅޭ މިންގަނޑާ ހިލާފު ވީޑިއޯއެއް ކަމަށް ވާތީ އެ ވީޑިއޯ ލައިވް ކުރި މައްސަލާގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވެސް ރޭ ޕީއެސްއެމްގެ ވަޒީފާ އިން ވަކިކުރި އެވެ. އެކަމަކު، މުސްތަފާ ވަޒީފާ އިން ވަކިކުރި ކުރުން ޕީއެސްއެމްގެ ބޯޑުގައި މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގަތުމުން ވަޒީފާ މިރޭ ވަނީ އިޔާދަކޮށްދީފަ އެވެ.

7 Comments

  • Abdulla Shiyam ނޮވެމްބަރ 4, 2024

    Dhonamma kahzaabu

  • علي شميم ނޮވެމްބަރ 4, 2024

    Eaee hama dhen haggu ehcheh

  • علي شميم ނޮވެމްބަރ 4, 2024

    Dheefa other hama rangalhah

  • Latheef Abdul ނޮވެމްބަރ 4, 2024

    ACC😂😂😂😂

  • A Salaam Salaante ނޮވެމްބަރ 4, 2024

    🤣😂😂😂😂😂😂 verimeehaa nurusevee dhw

  • Mohamed Nazim ނޮވެމްބަރ 5, 2024

    Komme ehcheh dhinas mi gaumuga thinoon gothakah nudhey.vagunge raaje

  • Shifan Hassan ނޮވެމްބަރ 5, 2024

    ACC corrupt vee 🤣🤣🤣🤣

Leave a Reply