ނޮވެމްބަރ 24, 2024

ސިޔާސީ މަގާމެއްގައި ހުއްޓާ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ރާގިބަށް ދީފި

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު

ސިޔާސީ މަގާމެއް އަދާކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި އޭނާއަށް ފުރުސަތު ދީފި އެވެ.

ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ ހަސަން މަމްދޫހުގެ ވަކީލެއްގެ ގޮތުގައ ރާގިބް މިއަދު ވަނީ ކޯޓަށް ހާޒިރުވެ އެވެ.

އެހެންވެ މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ދައުލަތުން ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ދައުލަތުން ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ރާގިބަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމެއް އޮތުމުން އޭނާއަށް ވަކީލެއްގެ ގޮތުގައި މި މައްސަލައިގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ވަކީލު ރާގިބަށް ފުރުސަތު ދެއްވުމަށެވެ.

ގާޒީ ވިދާޅުވީ ހައި ކޯޓުގައި އޮތް މައްސަލައާއި ކްރިމިނަލް ކޯޓުގައި ހިނގަނީ ދެ މައްސަލައަކަށް ވާތީ ހައި ކޯޓުގެ ހުކުމަށް ކޮންމެހެން ތަބާވާން ނުޖެހޭނެ ކަމަށެވެ. ގާޒީ ވިދާޅުވީ ދައުލަތުން ފާހަގަ ކުރާ ސުލޫކީ މައްސަލައެއް ކަމަށް ފެންނާތީ އެ ކަމުގައި ފިޔަވަޅު އެޅުމުގެ ބާރު އޮންނާނީ ބާ ކައުންސިލަށް އެކަނި ކަމަށެވެ.